މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދައުވާ އުފުލައިފައިވާ ފަރާތްތަކުގެ މައްސަލަތައް އަނބުރާ ގެންދިއުމަށް ނިންމުމަށް ކަމަށް ބުނެ ދައުވާ ލިބޭ ފަރާތްތަކުގެ އަތުން ޕީޖީ އޮފީހުން ފައިސާ ނަގައިފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.
އިތުބާރުހުރި ފަރާތަކުން މި ނޫހަށް މައުލުމާތު ދެމުން ބުނެފައިވާ ގޮތުގައި ދައުވާ ލިބޭ ފަރާތްތަކުގެ އަތުން ފައިސާ ނެގުމުގައި އަމަލީ ގޮތުން ބައިވެރިވި ޕީޖީ އޮފީހުގެ ވަކީލުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށެވެ. އެކަމުގެ ޝަކުވާ ޕީޖީ އޮފީހަށް ހުށަހެޅީ މައްސަލއަިގައި ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލު ކަމަށް ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ ވަކީލުންނަކީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު އާއި އެންމެ އަރިސް ބޭފުޅުން ގޮތުގައި އެ އޮފީހުގައި ތިބި ބައެއް ވަކީލުންނެވެ.
އެފަރާތްތަކުގެ މައްސަލަ އިންޓާނަލީ ބަލަމުން އަންނައިރު އެކަމުގައި މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވެއެވެ. ޝަމީމު އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ވަކީލުންތަކެއްގެ މިފަދަ މައްސަލަތަކެއް ފެންމަތިވި އިރު ޕީޖީގެ މަގާމުން ޝަމީމު ވަކިކުރުމަށް ނިންމައި އެ މައްސަލަ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ.