ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އާދީއްތަ ދުވަހު ނިންމި ނިންމުން ބަދަލުކުރުވަން، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޗަމްޕާ ހުސައިން އަފީފު އެހީތެރިވެވަޑައިގެންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީއެންސީން އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ބީއެމްއެލްގެ ބޯޑުގައި އަދި ތިބީ ސަރުކާރުގެ ހަތަރު ޑިރެކްޓަރުން ކަމަށާއި ދެން ތިބި ފަސް ޑިރެކްޓަރުންނަކީ ސަރުކާރުގެ ޑިރެކްޓަރުން ނޫން ކަމަށެވެ. އެހެންވީމާ އެ ބޭންކްގެ ބޯޑުގައި ސަރުކާރުގެ މެޖޯރިޓީއެއް އަދި ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
”އެހެން ނަމަވެސް ޕްރައިވެޓް ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުން ރެޕްރެޒެންޓްކޮށްދޭ، ނިސްބަތްވާ އިސް ބޭފުޅުންގެ ތެރެއިން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ޗަމްޕާ މުހައްމަދު މޫސާއާ ހުސައިން އަފީފު ވަރަށް އެހީތެރިކަން ހަމަ ދެއްވި، ދެއްވައިގެން އެބޭފުޅުންނަށް ރިޕްރެޒެންޓްވާ ޑިރެކްޓަރުންނާ ވާހަކަ ދައްކަވައިގެން އެބޭފުޅުންގެ ސަޕޯޓާއި އަަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ސަޕޯޓާ އެކީގައި ދެން އެ ކުރެވުނު މަސައްކަތުން އިއްޔެ، އަޅުގަނޑުމެންގެ ކެބިނެޓް ހަމަ ފެށީއްސުރެ ނިންމައިނުލައި ކުރިއަށް ގެންދިޔައިން، މިކަމުގައި ނިންމައި ނުލައި މަސައްކަތްކުރަމުން ދިޔައީ،“ ރައީސް ވިދާޅުވި އެވެ.
ބޭންކްގެ ނިންމުމާއި އެ ނިންމުމާ ގުޅިގެން މީހުން ފާޅުކުރި ނުރުހުން އެމަނިކުފާނު ސިފަކުރެއްވީ ދުރާލައި ރާވައިގެން ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތްތަކެއްގެ ގޮތުގަ އެވެ. އެެއީ ބަގާވާތެއް ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
”މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެކަން ކުރި ގޮތް ބަލަން ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށާއި ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.