ޑްރަގު ކޯޓުގެ ޝަރީއަތްކުރާ މާލަމުގައި ހުރި ކުޑަދޮރެއް ރޭ ދަންވަރު ހަލާކު ކޮށްލައިގެން ވަދެ މީހަކު ކޯޓުން ވައްކަންކޮށްފި އެވެ.
އެ މީހާ ކޯޓުން ވަގަށް ނަގާފައި ވަނީ ފައިސާތަކެއް ކަމަށާ އަދި ބައްތި ފޯނެއް ވެސް ނަގާފައިވާ ކަމަށް މި ނޫހާ ވާހަކަ ދައްކަމުން ޑްރަގް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު، ހިޝްމާ ހަސަން ވިދާޅުވި އެވެ.
”ކޯޓުން އޭނާ ނަގާފައިވަނީ ފައިސާތަކެއް. ސީދާ އަދަދެެއް ނޭނގޭ. އެކަމަކު ހީވަނީ 1500 ވަރު އުޅޭނެހެން. ދެން އޭގެއިތުރަށް އޭނާ ނަގާފައިވަނީ ބައްތި ފޯނެއް,“ ހިޝްމާ ވިދާޅުވި އެވެ.
އެ ތަނުގެ މުވައްޒަފުންގެ ލޮކަރުތަކުގައި ހުރި އެއްޗެހި ނެގުމަށް ތަޅު ހަލާކުކޮށްލާފައިވާ ކަމަށާއި އޭގެއިތުރުން ކޯޓަށް އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުލުހުން އެތަނަށް ގޮސް ފޮރެންސިކްސް ނަގާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ހިޝްމާ ވިދާޅުވި އެވެ.
މީގެކުރިން ވެސް އެ ކޯޓުން މީހަކު ވަނީ ވައްކަންކޮށްފަ އެވެ. އެފަހަރު ވެސް ވައްކަންކުރީ ކުޑަ ދޮޮރެއް ހަލާކުކޮށްލައިގެން ވަދެ އެވެ.