ފުލުހުންގެ އިދާރާއަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެ އިދާރާގެ ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދިނުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތައް ލިމިޓު ކުރުން އިދިކޮޅު ފަރާތްތަކާ ގުޅުވައި އެ މައްސަލަ މާލީ ބަގާވާތެއްގެ ގޮތުގައި ސިފަކޮށް އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކުރީ ސަރުކާރުން ފުރަތަމަ ފަހަރަށް އެއީ މާލީ ބަގާވާތެއް ކަމަށް ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ބުނި ވަގުތެވެ.

މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ އިއްޔެއަކީ ފުލުހުންގެ އިދާރާއަށް ލަދުވެތި ދުވަހެއް ކަމަށެވެ.

”ފަސް އަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައި ވާނީ ފުލުހުންގެ މުއައްސަސާއަކީ މިނިވަން ޕްރޮފެޝަނަލް އިދާރާއަކަށް ހެދުމަށް. އިއްޔެ ފެނިގެންދިޔައީ އެންމެ ކަމަކުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް ތަނެއް ދޮރެއް ނުބަލައި ފުލުހުން ކަންކަން ކުރަމުންދާތަން,“ ފައްޔާޒު ވިދާޅުވި އެވެ.

”މި ފުރުސަތުގައި ގޮވާލަން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދިނުމަށް. ޕޮލިހުންގެ ހުރުމަތް ހިފެހެއްޓުމަށް އިސްތިއުފާ ވެސް ދޭން އެބަޖެހޭ.“

އިއްޔެ ރޭ ޕީއެންސީގެ ޖަލްސާ ފެށިގެން އެންމެ ފުރަތަމަ ވާހަކަ ދައްކަވަން އަރާވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ފުރަތަމަ ފަހަރަށް އެއީ މާލީ ބަގާވާތެއް ކަމަށް ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ޝިޔާމް ވިދާޅުވީ 20:53 ގަ އެވެ.