ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ”ތަންދޮރު“ ނުދަންނަ މީހެއްކަން އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ

”އަޅުގަނޑު ކުރީގަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް ހާދަ ސްމާޓް ބޭފުޅެކޭ ޔާމީނަކީ. އެކަމަކު މިއަދު މިހާލަތަށް އައީމަ މި އެނގެނީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއްކަން. މި ބަސް މި ބޭނުން ކުރީ ހަމަ ވަރަށް ސިޔާސީ ގޮތުން ތަންދޮރު ނުދަންނަ ބޭފުޅެއް ޔާމީނަކީ“ އަބްދުއްރަހީމް ވިދާޅުވިއެވެ.

ސަންގު“ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒު ކޮންޕްރޮމައިޒް ވާނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޔާމީނަށް ވެގެން އުޅޭ ގޮތަކީ އުމުރުން ދުވަސްވީ ބޭފުޅުން ބުނާހެން ”ފުޅަށް ބުޑުން ދަންޔާ ދޮން ހަސަނަށް ހީވާނެއޭ ކެޔޮގަނޑު ކަނޑަައިފިޔޭ“ މިހެން ކަމަށެވެ.

ކެބިނެޓުގެ ވަޒީރުންނަކީ ދެއިރު ދެދަޅައަށް ބައްދަލުކުރަން ޖެހޭ ބައެއް ނޫން ކަމަށާއި ޔާމީނަށް އެކަން އެނގިވަޑައިނުގަންނަވާނީ ކަމަށް ވެދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ”ޔާމީން ކަންތައް ކުރެއްވި ގޮތަކަށް ހުރިހާ ރައީސުން ނުޖެހޭ ކަންކަން ކުރައްވާކަށް. ޔާމީން ސަރުކާރުގައި ތިން ނައިބު ރައީސުން، ތިން ޑިފެންސް މިނިސްޓަރުން. މިހެން ގޮސް ބަދަލު ގެނައި އަދަދެއް ނޭނގޭ. އެއީކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫން“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޔާމީން އެފަދަ ކަންކަން ކުރިއަސް ރައީސް، ޑރ. މުހައްމަދު މުއިއްޒު އެކަން އެގޮތަށް ކުރައްވާކަށް ނުޖެހޭ ކަމަށާއި މިސަރުކާރުގެ ކެބިނެޓަށް ބޭފުޅުން ނަންގަވާފައި ތިބީ ރައީސްގެ އިތުރުބާރު އޮވެގެން ކަމަށެވެ.

”އެމަނިކުފާނަށް ފިޔަވަޅު އަޅަން ނުކުރޭނެއޭ ވިދާޅުވާ ވިދާޅުވުމަށް އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް ޔާމީނަށް އެހެރީ މުއިއްޒު އޮޅިވަޑައިގެންފައޭ. އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެދަނީ ދުވަހުން ދުވަހަށް އަޅުއްވަމުން. ޔާމީން ވިދާޅުވީ، ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒަށް ފިޔަވަޅު އަޅަން ކެރިވަޑައިނުގަންނަވާނެ ކަމަށް، އެކަމަކު އެޅުއްވީ ނޫންތޯ އަޅަން ޖެހޭ ފިޔަވަޅު“ އަބްދުއްރަހީމް ވިދާޅުވިއެވެ.