ހާރޓް އެޓޭކް ޖެހުން
ހާރޓް އެޓޭކް(heart attack) ޖެހުމަކީ ހިތުގެ މަސްގަނޑަ(myocardium)ށް ދާއިމީ ސިފައެއްގައި ގެއްލުން ލިބުމެވެ. ހާޓް އެޓޭކަށް ޞިއްޙީ ދާއިރާގައި ދެވިފައިވާ ޚާއްޞަ ނަމަކީ ”މެޔޯ ކާޑިއަލް އިންފަރކްޝަން“(myocardial infarction) އެވެ. މެޔޯކާޑިއަލް އިންފަރކްޝަންގެ ލަފުޒީ މާނަ ތިރީގައި މިވަނީ އެވެ.
މަސްގަނޑު / މަސްކޮޅު | މެޔޯ | myo |
ހިތް / ހިތުގެ | ކާރޑިއަލް | cardial |
ލޭ ނުލިބުމުން (ލޭލިބުން މަދުވުމުން) ޓިޝޫއެއް މަރުވުން | އިންފަރކްޝަން | infarction |
ޖުމުލަ މާނަ : ލޭލިބުމުން މަދުވުމުގެ ސަބަބުން ހިތުގެ މަސްގަނޑުން ބައެއް މަރުވުން |
ހާރޓް އެޓޭކް އަކީ ހިތަށް ލޭގެންގޮސްދޭ ލޭހޮޅީގެ ތެރޭގައި އެތިކޮޅެއް ތާށިވެ، ހިތުގެ ވަކި ހިސާބަކަށް ގެންގޮސްދޭންޖެހޭ ލޭ ނުލިބުމުގެ ސަބަބުން ހިތުގެ ވިންދު ހުއްޓުމެވެ. ލޭނުލިބި ގިނައިރުވެގެންދާނަމަ ހިތުގެ މަސްތަކުގެ ވަކި ސަރަހައްދެއް ހަލާކުވުމަކީ ދިމާވެދާނެ މައްސަލަ އެކެވެ. ދިރާސާތަކުން ސާބިތުވާ ގޮތުގައި ހިތުގެ ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު 12 މިލިޔަން މީހުން މަރުވެއެވެ. ކުރިއަރާފައިވާ ގައުމުތަކުގައި މަރުވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަރުވަނީ ހިތުގެ ބަލިތަކުގެ ސަބަބުންނެވެ.
ހިތް ހުއްޓިގެން މަރުވުމަކީ ވަކި އުމުރެއްގައި އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް އުމުރުން ދުވަސްވަމުންދާ ވަރަކަށް ދެޖިންސްގެ މެދުގައިވާ މިފަރަގު ނެތެމުންދާކަން ފާހަގަ ކުރެވެއެވެ.
ހާޓް އެޓޭކް ޖެހޭގޮތް
ހާރޓް އެޓޭކް ޖެހެން ދިމާވަނީ ހިތަށް ލޭފޯރުކޮށްދޭ ލޭހޮޅިއެއް މުޅިން ބެދި، ހިތުގެ ވަކި ހިސާބަކަށް ލޭދިއުން މަދުވުމުން އޭގެ ސަބަބުން ހިތުގެ ބައެއް ހަލާކުވެގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ހާރޓް އެޓޭކް ޖެހެން މެދުވެރިވަނީ ހިތުގެ ބަޔަކަށް ލޭފޯރުކޮށްދިނުމުގައި ހުރަސް ތަކާއި ކުރިމަތިވެ، އެހިސާބަށް ލޭ ފޯރުކޮށްނުދިނުމުގެ ސަބަބުން އެހިސާބުގެ ސެލްތައް މަރުވެ ހަލާކުވުމުންނެވެ.
އާންމު ގޮތެއްގައި މިހެން ދިމާވަނީ ހިތަށް ލޭފޯރުކޮށްދޭ މައިލޭހޮޅިއެއް ކަމުގައިވާ “ކޮރޯނަރީ އާޓަރީ“(coronary artery) ބެދި، އެލޭހޮޅީގެ ތެރޭގައި ނުވަތަ ލޭހޮޅީގެ ފާރު(endothelium)ގައި ސަރުބީ(cholesterol)އަދިލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ”މެކްރަފޭޖް“(macrophage)ޖަމާވެގެން އުފެދިފައިވާ ކޮބަޑިގަނޑު(plaque) ފަޅައިގެން ދިއުމުންނެވެ. މިގޮތަށް އުފެދޭ ކޮބަޑިގަނޑު ފަޅައިގެންދިއުމުން އުފެދޭ ކުދިކުދި އެތިކޮޅުތައް ލޭހޮޅިތަކުގެ ތެރޭގައި ތާށިވުމުން، ނަތީޖާއެއްގެ ގޮތުން އެހިސާބަށް ލޭ އަދި އޮކްސިޖަން ފޯރުކޮށް ދިނުމުގައި ހުރަސްތަކާ ކުރިމަތިވެ، އެހިސާބުގެ ޓިޝޫތައް މަރުވެ ހަލާކުވެގެން ދެއެވެ.
”ހާރޓް އެޓޭކް ޖެހޭގޮތްތައް
އާންމު ގޮތެއްގައި ހާރޓް އެޓޭކް ޖެހެނީ 2 ގޮތަކަށެވެ.
1-ފުރަތަމަ ގޮތަކީ ސާފުލޭ ދަތުރުކުރާ ލޭހޮޅީގެ ތެރޭގައި ގަނޑުލޭކޮޅު އުފެދި، ލޭހޮޅީގެ ތެރޭގައި ތާށިވެ، ލޭހޮޅި ބެދޭގޮތް ދިމާވުމެވެ. ނުވަތަ ލޭހޮޅީގެ ތެރޭގައި އުފެދޭ ”ޕްލާކު“ން އުތުވިގެންދާ އެތިކޮޅުކޮޅު ލޭހޮޅީގެ ތެރޭގައި ތާށިވެ ބެދޭގޮތްވުމެވެ.
ސާފުލޭ ދަތުރުކުރާ ލޭހޮޅީގެ ތެރޭގައި ގަނޑުލޭކޮޅެއް އުފެދެން މެދުވެރިވާ އެއް ސަބަބަކީ ލޭހޮޅި ހަރުވުމާ، ލޭހޮޅީގެ އެތެރެ ބޯވުމެވެ. ލޭހޮޅީގެ އެތެރެ ހަރުވުމާ ބޯވުމަކީ ކުއްލިޔަކަށް ދިމާވާނެ ކަމެއް ނޫނެވެ. މިއީ ގިނަ ދުވަހުން ދިމާވާނެ ކަމެކެވެ. ގަނޑު ލޭކޮޅެއް އުފެދިދާނެ އަނެއް ސަބަބަކީ ލޭހޮޅީގެ ތެރޭގައި ޕްލާކު އުފެދުމެވެ. ލޭހޮޅީގެ ތެރޭގައި ޕްލާކެއް އުފެދިއްޖެނަމަ އެލޭހޮޅިއެއްގެ ތެރޭން ދަތުރުކުރާ ލޭ ޕްލާކު އުފެދިފައިވާ ހިސާބުގައި މަޑުޖެހޭގޮތް ވެއެވެ. އަދި މިކަމާ ގުޅިގެން ލޭގަނޑުވާގޮތް ދިމާވެއެވެ. ޕްލާކުން އުތުވިގެންދާ އެތިކޮޅުތައް މާބޮޑަށް ހިމުންވެފައިވާނަމަ ލޭހޮޅި ވަގުތުން ނުބެދި ހުރެދާނެ އެވެ. ނަމަވެސް މަދު އަހަރުތަކެއްގެ ތެރޭގައި ލޭހޮޅީގެ އެތެރޭގެ ހޮއި ހަނިވެގެން ހިގައިދާނެ އެވެ.
2-ހާރޓް އެޓޭކް ޖެހޭ ދެވަނަ ގޮތަކީ ސާފުލޭ ދަތުރުކުރާ ލޭހޮޅި ހިމަވުމެވެ. ނުވަތަ ފިތުމެވެ. މިފަދަ ލޭހޮޅިއެއް ފިތިއްޖެނަމަ ނުވަތަ ހިމަވެއްޖެނަމަ. އެލޭހޮޅިއެއްގެ ހޮއި ކުޑަވެއެވެ. ހޮއި ކުޑަވެއްޖެނަމަ އެކުޑަވި ނިސްބަތަކުން އެލޭހޮޅިއަކުން ހިތަށް ލޭގެންގޮސްދޭ މިންވަރު މަދުވެއެވެ. ނޫނީ ލޭއައުން މުޅިން ބަންދުވާގޮތް ވެސް ދިމާވެދާނެ އެވެ.
ސާފުލޭދަތުރުކުރާ ލޭހޮޅި ހިމަވުމަށް މެދުވެރިވާ ބައެއް ސަބަބުތައް
(ހ) – ސާފުލޭ ދަތުރުކުރާ ލޭހޮޅީގެ އެތެރެއިން އުފައްދައިދޭ ރައްކާތެރިކަމުގެ ކެމިކަލް މާއްދާތައް އުފައްދައިދިނުން މަދުވުން
(ށ) – ލެޔާ ލޭހޮޅީގެ އެތެރޭގެ ފަށަލަޔާމެދު ހުންނަންވާ ގުޅުން ކުޑަވުން : މިގޮތަށް ދިމާވެއްޖެނަމަ ލޭގެ ތެރޭގައިވާ ކޮލެސްޓްރޯލް ނުވަތަ ސަރުބީގެ މާއްދާއަށް އަންނަންޖެހޭ ކެމިކަލް ބަދަލުތަކެއް ނާންނާނެ އެވެ.
(ނ) – ލޭގެ ތެރޭގައިވާ ބައެއް ސެލްތަކުގެ މަސައްކަތަށް ބަދަލުއައުމާ އޭގެ ސަބަބުން ލޭއޮލަވާގޮތްވުން : މިގޮތަށް ދިމާވެއްޖެނަމަ ހަށިގަނޑުގެ ބައިތަކަށް ލޭދަތުރުކުރުމަށް ދަތިވާގޮތް ވެއެވެ.
(ރ) – ހިތުގެ މަސައްކަތްތަކަށް ލޭފޮނުވައިދޭ އެންމެ މުހިއްމު ލޭނާރު ކަމުގައިވާ ”ކޮރޯނަރީ އާޓަރީ“ގެ އެކި ހިސާބުން ބޮކި ގޮތަށް ތަންތަންކޮޅުން ފުއްޕާގޮތްވުމާ، އަނެއްބައި ހިސާބުން ތަންތަންކޮޅު ހިމަވުން ” (އިސްމާއީލްފުޅު, 2002)
ހާރޓް އެޓޭކް ޖެހުމަށް މެދުވެރިވާ ސަބަބު އަދި ފުރުޞަތު އިތުރުކުރާ (މަގުފަހިކުރާ) ކަންތައްތައް
ހިތަށް ލޭގެންގޮސްދޭ ހޮޅިތައް ބަންދުވުމުގެ ސަބަބުން ހިތްހުއްޓިގެން މަރުވުން ސަބަބު ވެރިކުރުވާ އެތައް ކަމެއް ވެއެވެ. އޭގެ ތެރޭގައި އެކަންކަމުން ދުރުހެލިވުމުގައި އަމިއްލަ އިޚްތިޔާރު ނެތްކަންކަމާއި، އަދި އެކަން ކަމުން ދުރުވުމުގައި އަމިއްލަ އިޚްތިޔާރު އޮންނަ ކަންކަން ހިމެނެއެވެ.
(1) – އެކަމުން ދުރުހެލިވުމުގައި އިޚްތިޔާރު ނެތް (ތިމާގެ ބާރު ނުފޯރުވޭ) ކަންތައްތަކުގެ ތެރޭގައި :-
(ހ) – ޢުމުރު : ފިރިހެނުންނަށް އާންމުކޮށް ހާރޓް އެޓޭކް ޖެހޭކަން ފާހަގަކުރެވިފައިވަނީ އުމުރުން 45 އަހަރުވުމަށް ފަހުގައެވެ. އަންހެނުންނަށް މިއުމުރު އުޅެނީ 55 އަހަރުން މަތީގައެވެ. ހާޓް އެޓޭކް ފަދަ ހިތުގެ ބަލިތަކުގެ ސަބަބުން މަރުވާ ކޮންމެ 5 މީހުންކުރެ 4 މީހުންނަކީ އުމުރުން 65އަހަރަށްވުރެ މަތީ އުމުރުގެ މީހުންނެވެ.
(ށ) – ޖިންސް : އަންހެނުންނަށްވުރެ ފިރިހެނުންނަށް ހާރޓް އެޓޭކް ޖެހުން އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.
(ނ) – ޢާއިލާގެ ތެރޭގައި ހިތުގެ ބަލިތައް ހުންނަ މިންވަރު ނުވަތަ ވާރުތަވުން (އާއިލާގައިހިތުގެ ބަލިޖެހިފައިވާ މީހުން ތިބުން) : ހިތުގެ ބަލީގެ އަހުލުވެރިންނަށް ލިބޭ ދަރިންނަށް ހިތުގެ ބަލިތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
(2) – އެކަމުން ދުރުހެލިވުމުގައި އިޚްތިޔާރު ލިބިގެންވާ (ތިމާގެ ބާރު ފޯރުވޭ) ކަންތައްތަކުގެ ތެރޭގައި :-
(ހ) – ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނަށް އެކަން ނުކުރާމީހުންނަށްވުރެ ހާރޓް އެޓޭކް ޖެހުމުގެ ފުރުސަތު ދެގުނަ އިތުރެވެ. ދުންފަތުގައި ހިމެނޭ ނިކޮޓިން އަދި ކާބަން މޮނޮކްސައިޑް އަކީ ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ގެއްލުން ދެނިވި މާއްދާތަކެވެ.
(ށ) – ހަކުރު ބަލި ހުންނަމީހުން އެކަމަށް އެކަށޭނަ ފަރުވާނުކުރުން (ހަކުރު ބަލިޖެހުން) : ހަކުރު ބަލި ހުރުމަކީ ވެސް ހިތުގެ ބަލިތައް ޖެހުން އިތުރުކުރާ ކަމެކެވެ. ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް މިކަން ކުރިމަތިވެދާނެ އެވެ. ހަކުރު ބަލީގެ 80އިންސައްތަ އަށްވުރެ ގިނަ މީހުން ދުނިޔެ ދޫކޮށް ދަނީ ހިތަށް ނުވަތަ ލޭހޮޅިތަކަށް ޖެހޭ ބައްޔެއްގެ ސަބަބުން ކަމުގައި ބުނެވެއެވެ. ހަކުރު ބަލި ހުންނަ މީހުންގެ ލޭހޮޅިތަކުގައި ސަރުބީ ޖަމާވުމުގެ ފުރުޞަތު ބޮޑުވާނެ އެވެ. އަދި ފަސޭހައިން ސަރުބީގެ ކޮބަޑިގަނޑު ލޭހޮޅިތަކުގައި ހަރުލާނެ އެވެ. މިހެންވުމަކީ ލޭހޮޅިތައް ހަރުއަރައި، ލޭހޮޅީގެ އެތެރެ ބޯވެ، ލޭހިނގުމަށް ބުރޫއަރާނެ ކަމެކެވެ. ހިތުގެ ލޭހޮޅިތަކުގައި ލޭހިނގުމަށް ބުރޫއެރުމަކީ ހާޓް އެޓޭކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ.
(ނ) – ލޭމައްޗަށްދިއުން ހުންނަ މީހުން އެކަމަށް އެކަށޭނަ ފަރުވާނުކުރުމުގެ ސަބަބުން ލޭކޮންޓްރޯލްނުވުން (ލޭމައްޗަށްދިއުން) : ލޭމައްޗަށްދިއުން ލޭގެ ޕްރެޝަރު މަތިވުމަކީ ހިތް މަސައްކަތްކުރާ މިންވަރު އިތުރުވާ ކަމެކެވެ. އޭގެ ސަބަބުން ހިތް ސައިޒުން ބޮޑުވެ، ބާރުދެރަވާގޮތް ވެއެވެ. ލޭގެ ޕްރެޝަރ މަތިވެ، ކޮލެސްޓީރޯލް ވެސް މަތިވެ، އަދި ހަކުރު ބަލި ހުރުން ނުވަތަ ދުންފަތު އިސްތިއުމާލު ކުރާނަމަ ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުން ކުރިމަތިވުމުގެ ފުރުސަތު އެތައް ގުނައަކަށް މަތިކުރުވައެވެ.
(ރ) – ކޮލެސްޓްރޯލް މައްޗަށްދިއުން ހުންނަ މީޙުން އެކަމަށް އެކަށޭނަ ފަރުވާ ނުކުރުން (ސަރުބީ މަތިވުން) : ކޮލެސްޓީރޯލް ލޭގައި މަތިވާ ވަރަކަށް ހިތުގެ ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުސަތު އިތުރު ކުރުވައެވެ. ޚާއްޞަކޮށް އެހެން މަގުފަހިކުރުވާ ސަބަބަކާއި އެކު ކޮލެސްޓީރޯލް ގެ މިންވަރު މަތިވެފައިވާ ނަމަ މިފުރުސަތު ބޮޑުވެގެން ދެއެވެ. “ނުރަގަޅު ކޮލެސްޓީރޯލް“(އެލް.ޑީ.އެލް) އިތުރުވުމުން މިފަދަކަންތައްތައް ކުރިމަތިވާއިރު “ރަގަޅު ކޮލެސްޓީރޯލް“(އެޗް.ޑީ.އެލް) މަތިވުމުން މިކަންތައްތައް ކުރިމަތިވުން ކުޑަކުރުވައެވެ.
(ބ) – ހަށިގަނޑު ފަލަވެގެންދާ ވަރަކަށް ދާންދޫކޮށްލުން (ފަލަބަލި ޖެހިފައިވުން / މާބޮޑަށް ހަށިގަނޑު ފަލަވުން) : މާބޮޑަށް ފަލަވުމަކީ ވެސް ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން އިތުރުވާ ކަމެކެވެ. ހަމަމިހެން ހަކުރު ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވެސް އިތުރުވެގެން ދެއެވެ.
(ޅ) – ހާސްވެކަންބޮޑުވުން ނުވަތަ ފިއްތުން(stress) ތަކުގެ ތެރޭގައި އުޅެންޖެހުން : ފިކުރު ބޮޑުވުމާއި ހިތުގެ ލޭހޮޅިތަކަށް ބަލި ޖެހުމާއި ކޮންމެ ވެސް ގުޅުމެއް ވާކަމަށް ވެއެވެ. އެއީ ފިކުރު ބޮޑުވުމުން އެކަން ފިލުވުމަށް ބައެއް ނުރަގަޅު އާދަތައް ފެށޭގޮތް ވާތީ އެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުން، މާގިނައިން ކެއުން ފަދަ ކަންތައް ފެއްޓޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ނުރަގަޅު އަސަރު ހަށިގަނޑަށް ކުރަން ފަށައެވެ.
(ކ) – މަސްތުވާ ތަކެއްޗާ ބަނގުއާވި ބޭނުންކުރުން : އަންހެނުން އެއްތަށި، ފިރިހެނުން ދެތައްޓަށްވުރެ ގިނައިން ބަނގުއާވި ދުވާލަކު ބޯނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން އިތުރުކުރުވައެވެ. އެއީ އޭގެ ސަބަބުން ލޭގެ ޕްރެޝަރ އަދި ކޮލެސްޓީރޯލް އާއި ހަށިގަނޑުގެ ބަރުދަނަށް އަސަރު ފޯރުވާތީ އެވެ.
(އ) – ލޭގައި ހޯމޯސިސްޓެއިން(homocysteine) ކިޔާ މާއްދާއެއް ގިނަވުން
(ވ) – ހެލިފެލިވެ އުޅުމާ ކަސްރަތުގެ ހަރަކާތްތައް ކުރުން މަދުވުން
ހިތްހުއްޓިގެން މަރުވުމުގެ ރިސްކު އިތުރުކޮށްދޭ ކަންތައްތަކުގެ ތެރޭގައި :-
- ހިތްހަމަނުޖެހޭ އެކަހެރި ދިރިއުޅުމެއް އުޅެންޖެހުން
- ކަސްރަތުކުރުން ފަދަ ހަރަކާތްތަކާއި ދުރުހެލިވުން
- އަވަދިނެތި އަރާމެއްނެތި ޕްރެޝަރުގައި މަސައްކަތްކުރަން ޖެހުން
- ފަޔާއި އަތުގެ ލޭނާރުތަކުގެ ބަލިތަކަށް ބޭސްކުރަންޖެހުން
- އަނގަ އަދި ދަތްތަކުގެ ސާފުތާހިރުކަން ކުޑަވުން
- މަސްތުވާތަކެތި ބޭނުންކުރުން
އަލާމާތްތަކާ ނިޝާންތައް
ހާރޓް އެޓޭކްގެ އަލާމާތްތައް ގިނައެވެ. އަދި ތަފާތު ގޮތްގޮތަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވިފައި ވެއެވެ. އެއްފަހަރު ހާރޓް އެޓޭކް ޖެހިފައިވާ މީހާއަށް ދެވަނަ ފަހަރަށް އެކަން ދިމާވުން ވެސް އެއީ ހާރޓް އެޓޭކް އެއްކަން ފާހަގަ ނުކުރެވިދާނެ އެވެ. ހާރޓް އެޓޭކް ޖެހުމުގެ އުދަގޫތައް ޢާންމުކޮށް ފެށިގެން އަންނަނީ މަޑުމަޑުން އިތުރުވަމުން އަންނަ އުދަގޫތަކެއްގެ ސިފައިގައެވެ. މަދުން ނަމަވެސް ކުއްލިއަކަށް ނުވަތަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުދަގޫތައް ކުރިމަތިވެ ނުރައްކާތެރި ދަރަޖައަކަށް މީހާގެ ޙާލަތު ގެންދެއެވެ.
ހާރޓް އެޓޭކް ޖެހުމުން ފެންނަ އެންމެ އާންމު އެއް ޝަކުވާ އަކީ މޭގައި ރިހުން އެވެ. މިގޮތުން އުފެދޭ މޭގައި ރިހުމަކީ މެޔަށް އޮއްބައި، ވާންވެ، ފިއްތައި، ބާރުވާ ކަހަލަ ގޮތަކަށް ހުންނަ ތަދެކެވެ. ހިތުގެ މަސްތަކަށް އެކަށޭނަ ވަރަށް ލޭ އަދި އޮކްސިޖަން ފޯރުކޮށް ނުދެވުމުން ކުރިމަތިވާ ނުރައްކާތެރި މޭގައި ރިހުމަށް ކިޔަނީ “އެންޖައިނާ ޕެކްޓޮރިސް“(angina pectoris) އެވެ.
ހާޓް އެޓޭކް ޖެހުމުން އާންމުގޮތެއްގައި ފެންނަ އަލާމާތްތަކަކީ:-
(ހ) – މޭމަތީގެ މެދަށް އޮއްބައި، ވާންވެ، ފިއްތައި، ބާރުވާ ކަހަލަ ތަދެއް ހުރުން ނުވަތަ މޭފުރިފައިވާ ކަމުގެ އިހްސާސްކުރެވުން (މޭގައި ރިހުން) : ތަދުގެ ސިފަތައް ތިރީގައި މިވަނީ އެވެ.
- މޭގައި ހުންނަ ތަދު ބައެއް ފަހަރު ދިލަނަގާ ކަހަލަ ތަދެއްގެ ގޮތުގައި ހުރެދާނެއެވެ.
- މެޔަށް އެއްޗެއް ހަރާލާ ކަހަލަ ތޫނު ތަދަކަށް ވެސް ވެދާނެ އެވެ.
- މެޔަށްވާ ތަދުގެ އަސަރު ކޮނޑު ހުޅަށާއި، އަތް، ކަރުދަށް، ކަނާތު މުލައްދަނޑި،އަދި ބުރަކަށްޓަށް ފެތުރިގެން ހިގައިދާނެއެވެ.
- މެޔަށްވާ ތަދުގެ އަސަރު ބައެއް ފަހަރު ދަތްދޮޅި އާއި ދަތްތަކަށް ވެސް ކޮށްދާނެއެވެ.
- މިތަދު ގިނަ ފަހަރު ހުންނާނީ (ދަތުރުކުރާނީ) ވައަތް ފަރާތަށެވެ. މާނައަކީ ވާތު މުލައްދަނޑި އަށާއި، ކަރުގެ ވާތްފަރާތް ފަދަ ހިސާބުތަކަށެވެ.
- މެޔަށްވާ ތަދު ދެތިން މިނިޓްތެރޭގައި ފިލައިގެން ގޮސްފައި އަނެއްކާވެސް އިރުކޮޅެއް ފަހުން އެނބުރިއައުމަކީ ވެދާނެ ގޮތެކެވެ.
- ތަދުވާ މިންވަރު އިތުރުވެގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.
- މޭގެ ތަދު ނުފިލައި 30 މިނިޓްވަންދެން ހުރެއްޖެނަމަ އެތަދު އެންމެ އެކަށީގެންވަނީ ހިތްހުއްޓުމުގެ އަލާމާތެއް ކަމުގައެވެ.
- ހަރަކާތްކޮށް ހެދުމުން މޭގެ ތަދު ބޮޑުވެފައި އަރާމުކުރުމުން އެތަދަށް ލުޔެއް ލިބޭނެއެވެ.
- މޭދަށަށް ތަދު ވާޞިލްވެއްޖެނަމަ މޭއެންދުން(heart burn) އިހްސާސް ކުރެވޭނެ އެވެ.
- މޭއެންދުމާއެކު، މެޔަށް ބާރުވާގޮތްވުމާ، މޭފުރިފައި ހުންނަގޮތް އިހުސާސް ވެދާނެ އެވެ.
- ރިހުން ފެށެނީ ފުއްޕާމޭގެ މެދުން މޭ“ޗިސްކޮށްލާ“ ކަހަލަ ނުވަތަ މޭ“ފެލައިލާ“ ކަހަލަ ގަދަ ރިހުމެއްގެ ގޮތުގައެވެ.
- ރިހުން މާގަދަ ނުވެވެސް ހުރެދާނެ އެވެ.
- ރިހުން ގިނަ ފަހަރު އިހުސާސްވާން ފަށަނީ ކުއްލިއަކަށް ކުރަންފަށާ ކޮންމެ ވެސް ބުރަ މަސައްކަތެއް ނުވަތަ ދުވުން ކަހަލަ ކަމަކާ އެކުގައެވެ.
- ކުއްލިއަކަށް ރުޅިއައުން، ބިރުގަތުން، ހާސްވުން ފަދަ ކަމަކާ ގުޅިގެން ވެސް މިރިހުން އިހުސާސް ކުރެވެން ފަށައެވެ
- މަދު މިނިޓް ކޮޅަކަށް ބައެއް ފަހަރު މަދު ދުވަސްކޮޅަކަށް ވެސް މޭގައި ރިހުން ހުރެދާނެ އެވެ.
- މުޅި މޭގައި ހުންނަ ރިހުން ކެނޑި، މޭގެ އެއް ތަންކޮޅެއްގައި ވެސް ރިހުން ހުރެދާނެ އެވެ.
(ށ) – މެޔަށް ތަދުވުމާއެކު މޭނުބައިކޮށް، ބޯއަނބުރައި، ހޮނޑުލުން
(ނ) – ހިތްއަވަސްވުން(މޭތެޅުން) / އަވަސް އަވަހަށް ހިތުގެ ވިންދު ޖެހުން / ވިންދުޖެހުމުގެ ހަމަގެއްލުން
(ރ) – ނޭވާކުރުވެ، ފުރިހަމަ ނޭވާއެއްލާން އުދަނގޫވުން
(ބ) – މޫނުމައްޗަށް އަދިރިވުން
(ޅ) – މާގިނައިން ދާހިއްލުން (ކުއްލިއަކަށް ދާހިއްލައިގަތުން)
(ކ) – ވަރުބަލިވެ، ވަރުދެރަވުން
(އ) – ހޭނެތުން / އަނބުރައިގަތުން
(ވ) – ހަމުންނާ، ނިޔަފަތިން، ތުންފަތުންނާ، ދުލުން ލޭމަދުކަމަށް ދެއްކުން
(މ) – ފިނިވިޔަސް ނުވަތަ ފިނިނުވިޔަސް ދާހިއްލާގޮތް ވުން
”ހާރޓް އެޓޭކް ޖެހުމުން ހަށިގަނޑަށް އަންނާނޭ ބައެއް ބަދަލު
(ހ) – ހިތުގެ ވިންދު ޖެހި ނަމަވެސް ހިތުގެ މަސައްކަތް ބޭކާރުވުން
(ށ) – މީހާގެ ހަރަކާތް ހުއްޓޭގޮތްވުމާ ލޭގެ ޕްރެޝަރު ދަށްވުން
(ނ) – ފުރަތަމަ ހާޓް އެޓޭކް ޖެހޭތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެވަނަ ހާޓް އެޓޭކް ޖެހުން
(ރ) – ހިތުގެ މަސްގަނޑު ހަލާކުވުން
(ބ) – ހިތުގައިވާ ދެ ވޭލްއާ، އެއޯޓާ، ލޭ ސާފުކުރުމަށްޓަކައި، ފުއްޕާމެޔަށް ފޮނުވައިދޭ ޕަލްމޮނަރީ އާޓަރީގައިވާ ވޭލްތަކުން ލޭދައުރުވުމުގައި އެއްކޮޅަށް ލޭ ފޮނުވުމަށްޓަކައި، ހުންނަ ”ޕެޕިލަރީ މަސް“ތަކަށް ގެއްލުންލިބި، އެކަމުގެ ސަބަބުން، ހިތުގެ ވިންދާއެކު ލޭދައުރު ކުރަންވީ ކޮޅު ނޫން އަނެއްކޮޅަށް ލޭދަތުރުކުރާގޮތް ވުން، ނޫނީ މިވޭލްތަކުން ލޭ ލީކުވުން
(ޅ) – ހިތުގެ ކޮންމެ ވެސް ހިސާބަކުން ދުޅަވާގޮތްވުން
(ކ) – ހިތުގައި އުފެދޭ ގަނޑުލޭކޮޅު ސިކުނޑިޔަށް ދަތުރުކުރުމާ، އެކަމުގެ ސަބަބުން ސިކުނޑީގެ ބައެއް ލޭނާރު ބެދި ސްޓްރޯކްޖެހި، ހަށިގަނޑުގެ އެއްފަރާތް ވާގިނެތުން“ (އިސްމާއީލްފުޅު, 2002)
މިއުދަނގޫތައް ކުރިމަތިވަނީ ނާރުތަކުގެ ނިޒާމްގައި ހިމެނޭ މުހިއްމު ބައެއް ކަމުގައިވާ ސިމްޕަތެޓިކް ނާރވަސް ސިސްޓަމް(sympathetic nervous system) އިން ގިނަ އަދަދަކަށް “ކެޓިކޮލަމީން“(catecholamines) ދޫކުރުމުންނެވެ. މިގޮތަށް ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން ކެޓިކޮލަމީން ދޫކުރަނީ މޭގައި ރިހުން އަދި ހިތުގެ މަސައްކަތަށް އަންނަ ބުރޫއެރުމުގެ ސަބަބުންނެވެ. އާޚިރު ނަތީޖާއެއްގެ ގޮތުން ހޭނެތުން (ސިކުނޑިއަށް އެކަށޭނަ ވަރަށްލޭ އަދިއޮކްސިޖަން ފޯރުކޮށް ނުދެވުމުން) އަދި ކުއްލިއަކަށް މަރުވުން (އެންމެ އާންމު ސަބަބަކީ “’ވެންޓްރިކިޔުލަރ ފިބްރިލޭޝަން“'(VF) ކިޔާ ހިތަށް މެދުވެރިވާ ޙާލަތެއް މެދުވެރިވުން) ފަދަ ކަމެއް މެދުވެރިވުމަކީ ހާރޓް އެޓޭކް ޖެހުމާއި ވިދިގެން ވެދާނެ ގޮތެކެވެ.
ހިތަށް ލިބޭ ގެއްލުމުގެ ސަބަބުން ވާތު ވެންޓްރިކަލް(left ventricle) އިން ލޭ ޕަމްޕްކުރުން ވަކި ހައްދެއްގައި ހިފެހެއްޓިއްޖެނަމަ (އެކަށޭނަ ވަރަށް ލޭޕަމްޕުނުކުރާނަމަ/ހިތުން ބޭރަށް ލޭފޮނުވައި ނުދޭނަމަ) ނޭވާ ކުރުވުން ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ވާތު ވެންޓްރިކަލް(left ventricle) ގެ މަސައްކަތް ފޭލްވެ، ފުއްޕާމޭ ގައި ދިޔާތަކެތި ޖަމާވެ “ފުއްޕާމޭ ދުޅަވެ ފޮއްސިވުން“(pulmonary edema) ކުރިމަތި ވެއެވެ.
ފިރިހެނުންނާއި ޒުވާނުންނާއި އަޅާބަލާއިރު، އުމުރުން ދުވަސްވީ މުސްކުޅިންނާއި އަންހެނުންނަށް ހާރޓް އެޓޭކް ޖެހުމުން ފެންނަ އުދަގޫތައް ތަންކޮޅެއް ތަފާތެވެ. ނުވަތަ ހާރޓް އެޓޭކް ޖެހުމާއި ގުޅިގެން ފެންނަ ހަގީގީ ސިފަތައް މުޅިން ނުފެނި ( އަންހެނުންނާއި ދުވަސްވީ މީހުންގެ ކިބައިން ) ހިގައިދާނެއެވެ.
ހާރޓް އެޓޭކް ޖެހުމުން އަންހެނުންގެ ކިބައިން ފެންނަ އެންމެ އާންމު ޢަލާމާތްތަކަކީ ނޭވާ ކުރުވުން، ވަރުބަލިވުން، އަދި ވަރުދެރަވުން އެވެ. ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހާރޓް އެޓޭކް ޖެހުމުގެ މަސް ދުވަސްކުރިން، ނޭވާ ކުރުވުން، ވަރުބަލިވުން، އަދި ނިދިނައުން ފަދަ އުދަގޫތައް އަންހެނުންނަށް ތަހައްމަލު ކުރަންޖެހެއެވެ.
ހާރޓް އެޓޭކް ޖެހޭ މީހުންގެ ތެރެއިން ½ މީހުންނަށް ހިތުގެ ބައެއް މަރުވެ ހަލާކުވުމުގެ ކުރިން އޭގެ ނުރައްކާތެރި ނިޝާންތައް (މޭގައި ރިހުން، މޭތެޅުން، ނޭވާކުރުވުން، ވަރުބަލިވުން ) ފެނިދެއެވެ. ހަމަމިހެން ހާރޓް އެޓޭކް ޖެހޭމީހުންގެ ¼ މީހުންނަށް އެކަން ކުރިމަތިވަނީ ހިމޭން ( އުދަގޫތައް މެދުވެރިވުމެއްނެތި) ކަމެއްގެ ގޮތުގައެވެ. މާނައަކީ އަލާމާތްތައް ފެނުމެއްނެތި ފުރަތަމަވެސް ހާރޓް އެޓޭކް ޖެހުމެވެ.
ހާރޓް އެޓޭކް ޖެހުމުގެ ކުރިން އޭގެ އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން އާންމުކޮށް މެދުވެރިވަނީ އުމުރުން ދުވަސްވީ މީހުންނާއި،ހަކުރު ބަލީގެ މީހުން، އަދިހިތް ބަދަލުކުރުންފަދަ އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނަށެވެ. ހިތް ބަދަލުކޮށްފައި ތިބޭމީހުންނަށް މިގޮތަށް ( އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން) ދިމާވަނީ ހަދިޔާ ކުރެވުނު ހިތުގެ ފަތިނާރު(nerves) ތައް ހިތް އިންދުނު(ލެއްވުނު) މީހާގެ ހަށިގަނޑާއި ގުޅިފައިނުވާތީ އެވެ.
ނޯޓް : ދިވެހި ބަހުގެ ރަދީފްގައިވާ ގޮތުން ފަތި ނާރަކީ “ ހަށިގަނޑުގައިވާ މަސްތައް ހިފަހައްޓައި، ސިކުނޑިން ހަށިގަނޑުގެ ބައިތަކަށާއި ގުނަވަންތަކަށް މެސެޖް ގެންގޮސްދޭ ފަށްތައް“ އެވެ. ވީމާ މިއީ ސިކުނޑިއާ ސްޕައިނަލް ކޯޑުން ކުރިފަޅައި ނިކުމެފައިވާ އެކި ކަހަލަ ނާރު(nerves) (މިސާލު: ހަރަކާތް ގެނެސްދޭ ނާރުތަކާ، އިހުސާސް އުފުލައިދޭ ނާރު) ތައް ކަމުގައި ބެލެވިދާނެ އެވެ.
ހާރޓް އެޓޭކެއް ޖެހިއްޖެކަން ދެނެގަންނާނެގޮތް
”ބައެއް ފަހަރު އެއްވެސް ކަހަލަ އެނގުމެއް ނެތި، ނުވަތަ އަލާމާތެއް ނުފެނި ހާރޓް އެޓޭކެއް ޖެހިދާނެ އެވެ. ހާރޓް އެޓޭކް ޖެހޭ މީހުންގެ ތެރެއިން 3/1 މީހުންނަކީ ނޭނގުމެއްގެ ތެރޭގައި ހާރޓް އެޓޭކް ޖެހޭ މީހުންނެވެ.
ހާރޓް އެޓޭކެއް ޖެހިއްޖެކަމަށް ލަފާކުރެވޭނަމަ އެކަން ކަށަވަރު ކުރުމަށްޓަކައި 3 ކަމެއްގެ މައްޗަށް ބަލަންވާނެ އެވެ. އަދި ހާރޓް އެޓޭކެއް ޖެހިފައިވާކަމަށް މުޅިން ނިންމަންވާނީ މި 3 ކަމުގެ ތެރެއިން މަދުވެގެން 2 ކަމެއްގެ އަލާމާތްތައް ފެނިއްޖެނަމަ އެވެ. މިގޮތުން ބަލަންޖެހޭ 3 ކަމަކީ:-
(ހ) – ހާރޓް އެޓޭކެއް ޖެހިގެން އީސީޖީ އަށް އަންނަ ބަދަލުތައް އީސީޖީ ނަގާއިރު އައިސްފައިހުރުން
(ށ) – މޭގައި ރިހުމެއް ހުރުން
(ނ) – ކާޑިއެކް އެންޒައިމް އިތުރުވެފައިވާކަމަށް ޓެސްޓުން ދެއްކުން
އީސީޖީ އިން ހިތުގެ މަސައްކަތް ދައްކައިދޭނީ އިލެކްޓްރިކްގެ ޒަރީޢާއިން ކުރަހައިދޭ ރޮނގުތަކުންނެވެ. އީސީޖީ ހެދުމަށްފަހު ލިބޭ ނަތީޖާއާ ގުޅިގެން، ހިތުގެ މަސްގަނޑުން ބައެއް ނަމަވެސް މަރުވެފައިވޭތޯ ބެލުމަށްޓަކައި، ބައެއް ފަހަރު ސްކޭން ހަދަން ވެސް ބޭނުން ވެއެވެ. އަދި ލޭގެ ޓެސްޓު ވެސް ހަދަން ބޭނުންވެދާނެ އެވެ. ހިތުގެ ސްކޭން ހެދުމުގެ އިތުރުން، އެތެރޭގެ ބައިތަކުގެ ބޮޑުމިން ހުރި މިންވަރާ، ހިތުގެ ސިފަޔާ، ހިތް މަސައްކަތް ކުރަމުންދާގޮތް ދައްކައިދެއެވެ. މިނަތީޖާގެ އެހީގައި ހިތް ބަރާބަރަށް މަސައްކަތްކުރޭތޯ، ނުވަތަ ނުކުރޭތޯ ނިންމަން ޑޮކްޓަރުންނަށް ފަސޭހަވާނެ އެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ހާރޓް އެޓޭކް ޖެހުމުން ކުރަނީ އައިސެޓޮޕް ސްކޭނިންގ ކިޔާ ބާވަތުގެ ނަތީޖާ ވަރަށް ފުރިހަމައަށް ދައްކައިދޭ ސްކޭން އެކެވެ.“ (އިސްމާއީލްފުޅު, 2002)
”ހާރޓް އެޓޭކެއް ޖެހިއްޖެނަމަ ކަންތައްކުރާނޭގޮތް
ހާރޓް އެޓޭކެއް ޖެހިއްޖެކަމުގެ ކުޑަނަމަވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް ހަށިގަނޑުގެ ވާގިދޫކޮށްލަން ބުނެ، ތަނެއްގައި ބާއްވައިލާށެވެ. އަދި ވީވަރަކުން މީހާ ނުގުޑުވައި، އަވަހަށް ހޮސްޕިޓަލަކަށް ގެންދެވޭތޯ ބަލާށެވެ. އެސްޕިރިން ބޭނުންކުރުމުން ހަށިގަނޑާ ނުގުޅޭ ގޮތެއް ނުހުންނަ މީހެއްނަމަ އެސްޕިރިން ގުޅައެއް ގިރާލާ ބޯންދިނުމަކީ ފުރާނަ ސަލާމަތް ކުރުމުގައި މުހިއްމު ކަމެކެވެ.
ހާރޓް އެޓޭކް ޖެހި އެކަމުގެ އަލާމާތްތައް އާންމު ގޮތެއްގައި ފެންނަން ފަށަނީ ހާރޓް އެޓޭކް ޖެހި، ހިތް ހިންގުމުގެ ހަމަ ގެއްލިދާތާ، ގަޑިއެއްހާއިރުގެ ތެރޭގައެވެ. މިގޮތަށް ދިމާވުމުން ވިންދު ވަރަށް އަވަސްވެއެވެ. ވިންދު ޖެހުމުގައި އެއްވެސް ހަމައެއް ނުހުރެއެވެ. ނަތީޖާއަކަށް ވަނީ ހިތުގެ މަސްގަނޑަށް ލޭފޮނުވައި ދިނުމަށް ހުރަސްއެޅޭގޮތް ވުމެވެ. މިދަނޑިވަޅުގައި ހިތް ކޮންޓްރޯލް ކުރުމަށްދެވޭނެ އެންމެ ކާމިޔާބު ފަރުވާއަކީ ކަރަންޓް ޝޮކެއް ދިނުމެވެ. މިޝޮކު ދެވޭނީ ހޮސްޕިޓަލެއްގައެވެ. ނުވަތަ މިފަދަ ފަރުވާދެވޭ ޚާއްޞަ މަރުކަޒެއްގައެވެ. ހޮސްޕިޓަލަށް ބަލިމީހާ އަވަހަށް ގެންދަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މިއީ އެވެ. ބަލިމީހާ ހޮސްޕިޓަލަށް ގެންދަން ބޭނުންވާ އަނެއް ސަބަބަކީ ބެދިފައިވާ ލޭހޮޅިއަށް ވަގުތުން ފަރުވާދެވޭނެ ގޮތެއް ހަމަޖެއްސުމެވެ. މިފަރުވާ ދެވޭނެގޮތް ހަމަޖައްސައި ދެވިއްޖެނަމަ، ފުރާނަޔަށް ނުރައްކާވާގޮތް ކުޑަވެގެންދާނެ އެވެ. އަދި ދާއިމީ ގޮތެއްގައި ހިތުގެ މަސްގަނޑަށް ލިބިދާނެ ގެއްލުން ވެސް ކުޑަކުރެވިދާނެ އެވެ. ހަމައެފަދައިން ދުރު މުސްތަގުބަލުގައި ހިތަށް ލިބިދާނެ ގެއްލުން ތައް ވެސް ކުޑަކުރެވޭނެ އެވެ. ” (އިސްމާއީލްފުޅު, 2002)
ރައްކާތެރިވުން
ހާރޓް އެޓޭކް ޖެހުމުން ރައްކާތެރިވުމުގެ ގޮތުން އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
(ހ) – ދުންފަތުގެ އިސްތިއުމާލުނުކުރުން : މިއީ ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމެވެ. މިއީ އުދަނގޫ އެހެން ނަމަވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
(ށ) – ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ކައިރީގައި ނުހުރުން: ދުންބޯ މީހުންގެ ކައިރީގައި ހުރުމަކީ އެދުމުގެ އަސަރު ކައިރީގައި ހުންނަ ދުން ނުބޯ މީހާއަށް ވެސް ކުރާނެ ކަމެކެވެ. ވުމާއެކު ދުންބޯ މީހުންނާއި ދުރުވެ ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
(ނ) – ކޮލެސްޓްރޯލް މަތިވިޔަ ނުދިނުން: ކޮލެސްޓްރޯލް މަތިވިޔަނުދޭށެވެ. ކޮލެސްޓްރޯލް މަތިވެފައި ހުރިތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓް ހަދައި މެޑިކަލް ޗެކްއަޕް ހެދުމަކީ ކުރަންޖެހޭނެ ކަމެކެވެ. ވުމާއެކު އަހަރެއްގެ ތެރޭގައި އެއްފަހަރު ނަމަވެސް މިފަދަ ޓެސްޓް ހެދުމަކީ މުހިއްމު ކަމެކެވެ.
(ރ) – ލޭގެ ޕްރެޝަރު އެކަށޭނަ މިންގަނޑެއްގައި ހިފެހެއްޓުން : ލޭމައްޗަށްދާމީހުން އެކަމަށް ބޭސް ނުކުރުމަކީ ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަމަކަށްވާއިރު ލޭގެ ޕްރެޝަރު އޭގެ ފުރިހަމަ މިނުގައި ހިފެހެއްޓުމަކީ ހިތުގެ ބަލިތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ. ވުމާއެކު ލޭމައްޗަށްދިއުމާމެދު ފަރުވާ ކުޑަ ނުކުރުމަކީ މުހިއްމު ކަމެކެވެ.
(ބ) – ހަށިގަނޑުގެ ބަރުދަން އިތުރުވިޔަނުދިނުން : ހަށިގަނޑުގެ ބަރުދަން ހަމަ އިމުގެ ތެރޭގައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ. ހަށިގަނޑު މާބޮޑަށް ބަރުވެގެން ދިއުމަކީ ވަރަށް ގިނަ ބަލިތަކަށް ދެވޭ ދައުވަތެކެވެ. އޭގެ ތެރޭގައި ކޮލެސްޓްރޯލްމަތިވުން، ލޭމައްޗަށްދިއުން އަދި ހަކުރު ބަލިޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.
(ޅ) – ފައިދާހުރި ކާނާ ބޭނުންކުރުން : މިއީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ތެޔޮ، ހަވާދު، ލޮނު، އަދި ހަކުރު ގިނައިން ހިމެނޭ ކާނާ ބޭނުންކުރުމަކީ ޞިއްޙަތަށް ފައިދާހުރި ގޮތެއް ނޫނެވެ. ތަރުކާރީ އާއި ފަތް އަދި މޭވާގެ ބާވަތްތައް އެކުލެވޭ ކާނާ ބޭނުންކުރުމަކީ ހިތުގެ ބަލިތަކުން މިންޖުވުމަށް ބޭނުންކުރުމަށް އެންމެ ރަގަޅު ތަކެއްޗެވެ.
(ކ) – ހާސްވެ ފިކުރުބޮޑުވުމާއި ދުރުހެލިވުން : އާއިލީ ދިރިއުޅުމާއި އަދި އާންމުދަނީ ހޯދުމަށް މަސައްކަތްކުރާ ދާއިރާގައި ވެސް ހިތްހަމަޖެހޭ އަދި ހާސްކަން ކުޑަ ގޮތަކަށް ކަންކަން ރޭވިފައި ހުރުމަކީ މުހިއްމު ކަމެކެވެ.
(އ) – ހަށިގަނޑު ގަވާއިދުން ޑޮކްޓަރަށް ދައްކާ ބަލައި ޗެކްކޮށް ޓެސްޓް ކުރުން : މިގޮތުން ލޭގެ ޕްރެޝަރު، ހަކުރު، އަދި ކޮލެސްޓީރޯލް ހުރި މިންވަރު ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކައިގެން ޗެކް ކުރެވިދާނެ އެވެ. އެއިން އެއްވެސް ކަމެއް ތަބީއީ ނޫން ސިފައެއްގައި ވާނަމަ އެކަމަށް ލަސްނުކޮށް ފަރުވާ ހޯދުމަކީ ބުއްދި ވެރިކަމެކެވެ.
(ވ) – ގަވާއިދުން ބޭސް ބޭނުންކުރުން : ބޭސް ބޭނުންކުރަން ޑޮކްޓަރު ލަފާދެއްވާފައިވާނަމަ، ޑޮކްޓަރު އަންގަވާފައިވާ މުއްދަތު ހަމަވަންދެން މެދުކަނޑާނުލައި، ބޭސް ބޭނުންކުރަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ.
(މ) – ލޭގައި ހުންނަންވާ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުން : ހަކުރު ބަލި ހުންނަ މީހެއްނަމަ، ބޭސްކެއުމާ، ކަސްރަތުކުރުން ފަދަ ކަންތައްތައް ކޮށްގެން ހަކުރު ކޮންޓްރޯލް ގައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ
(ފ) – ހެލިފެލިވެ ހަރަކާތްތެރިވެ އުޅުމާ، ގަވާއިދުން ކަސްރަތުކުރުން : ފަރުވާ ތެރިކަމާއެކު ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް އެއްފަހަރު ހާޓް އެޓޭކެއް ޖެހި ރަގަޅުވެފައިވާ މީހުން ވެސް ކަސްރަތުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. އޭގެ ސަބަބުން ހަށިގަނޑު ލުއިވެގެންދިއުމާއެކު ހަކުރު ބަލި ފަދަ ބަލިތަކުން ސަލާމަތްވުމަށް އެހީތެރި ވެދެއެވެ.
ހަފްތާއަކު 4-3 ފަހަރު 30މިނިޓް ވަންދެން އެންމެ މަދުވެގެން ކަސްރަތު ކުރަން އާދަކުރާށެވެ. ހަށިގަނޑު މާބޮޑަށް ބަރުހެލި ވިޔަ ނުދޭށެވެ. “ބޮޑީ މާސް އިންޑެކްސް“ ހުންނަން ވާނީ 25-18.5އާއި ދެމެދުގައެވެ. އުނަގަނޑުގެ ވަށަމިން 88ސމ(އަންހެނުން) އަދި 102ސމ( ފިރިހެނުން) އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
ނޯޓް:ބޮޑީ މާސް އިންޑެކްސް ބަލާނީ ކިހެނެއް؟
ނަތީޖާތައް:
އާންމުކޮށް ހުންނަށްޖެހޭ ވަރަށްވުރެ ލުއި= 18.5އަށްވުރެ ދަށް
އާންމުކޮށް ހުންނަން ޖެހޭވަރު= 25-18.5އާއި ދެމެދު
އާންމުކޮށް ހުންނަށް ޖެހޭވަރަށްބުރެ ބަރުދަން އިތުރު= 30-25 އާއި ދެމެދު
މާބޮޑަށް ފަލަވުން= 40-30 އާއި ދެމެދު
ނުރައްކާތެރި ވަރަކަށް ފަލަވެފައިވުން = 40އަށްވުރެ މަތި
ނޯޓް : މިލިޔުމަކީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ ލިޔުމެކެވެ.
މަޢުލޫމާތު: