ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ މަގާމަށް ގާތް ބޭފުޅަކު ގެންނަން ހުށަހަޅުއްވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
”ސަންގު ޓީވީ“ އަށް ދެއްވި އިންޓަވިއެއްގައި އެމަނިކުފާނު މިހެން ވިދާޅުވީ ވަކި މައްސަލަތަކެއް ތަހުގީގުކޮށްފާނެތީ ޕީޖީގެ މަގާމަށް އާއިލީ ބޭފުޅަކު ގެނައުމަށް އަބްދުއްރަހީމް މަސައްކަތްކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރެއްވުމުންނެވެ.
”އަޅުގަނޑު ލޮބީއެއް ނުކުރަން. އަނެއްކަމަކީ އެ ބޭފުޅުންނަށް ހީވަނީ ވަކި ބޭފުޅަކު، މިސާލަކަށް އަޅުގަނޑާ ގުޅުން އޮތް ބޭފުޅަކު އެ މަގާމަށް އަތުވެދާނެއޭ. އެއީ އެވަރުގެ އިލްމީ ގާބިލު މީހުން އަޅުގަނޑުގެ ފެމިލީގައި ތިބީމަތާ އެ ޝައްކު އުފައްދަން ޖެހޭނީ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
”ޕީޖީގެ މަގާމަށް އަޅުގަނޑުގެ ގާތް މީހަކު ގެންނާކަށް މަސައްކަތެއް ނުކުރަން،“
އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް ބިރު ހީވެފައި ވަނީ އެ މަގާމަށް އާއިލީ ބޭފުޅަކު އަތުވެއްޖެ ނަމަ، ބައެއް މައްސަލަތައް އަވަސް ސްޕީޑުގައި ކުރިއަށް ގެންގޮސްފާނެތީ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކޮށްފާނެތީ އެއްވެސް ޖެހިލުމެއް ނުވާ ކަމަށާއި އެ ފައިސާގައި ޖެހިފައިނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
”އަޅުގަނޑު ކަންބޮޑުވުމެއް ނުވޭ އެމްއެމްޕީއާރުސީގެ މައްސަލަ ބަލާފާނެ ކަމަށް. އަޅުގަނޑަށް 100 ޕަސެންޓް ޔަގީން އެ މައްސަލައިގައި އަޅުގަނޑުގެ މައްޗަށް އެއްވެސް ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް،“
އަބްދުއްރަހީމް ވިދާޅުވީ ޕީޖީގެ މަގާމަށް ޔާމީން ވަޑައިގެން އެ މައްސަލަތައް އިންސާފުވެރިކަމާ އެކު ތަހުގީގު ކުރެއްވިޔަސް، ކުށެއް ސާބިތު ނުކުރެވޭނެ ކަމަށެވެ.
މުޅި ސަރުކާރުގައި އޮތީ އަބްދުއްރަހީމްގެ އާއިލާކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައްދު ދެއްވައި ވިދާޅުވީ އާއިލާގެ ބޭފުޅުން ސަރުކާރުގައި ތިބުމުން އުފާކުރައްވާ ކަމަށާއި އެކަމަކު މަގާމުތަކުގައި ތިއްބެވި އާއިލީ ބޭފުޅުންނަކީ ވެސް ކިޔަވައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.
”މިސަރުކާރަކީ އަޅުގަނޑުމެންގެ މަސައްކަތުން ގެނައި ސަރުކާރެއް. މި ސަރުކާރުގައި އަޅުގަނޑުމެންގެ މީހުން ތިބޭނެ. އެކަމަކު ތިބޭނީ ކިޔަވައިގެން ތިބި މީހުން. ތަންދޮރު ދަންނަ މީހުން ތިބޭނީ،“
އެއީ އުސޫލުތަކުގެ ދަށުން، އިލްމީ ގާބިލު ބޭފުޅުންނަށް ފުރުސަތު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަތުމުން ދެއްވި ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
ދަރިކަލުން އިބްރާހިމް ފައިސަލަށް ޓޫރިޒަމް މިނިސްޓަރުކަން ދެއްވުމަށް ރައީސަށް ހުށަހެޅުއްވި ކަމަށާއި އެ މަގާމު ފައިސަލަށް ލިބިވަޑައިގަތީ ރައީސްގެ ޔަގީންކަމާއި އިތުބާރު ފައިސަލަށް އޮތުމުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.