ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަންތައް ބާއްވާ މުއްދަތު ލަސްކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
މި މަހު ހަތެއްގައި މަޖިލީހުން ފާސްކުރި މި ދެ ބިލު މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ. ސަރުކާރުން ހުށަހެޅި މި ދެ ބިލު، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 74 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުން މި ދެ ގާނޫނު އިސްލާހުކުރި މައިގަނޑު ސަބަބަކީ ދައުރުގެ ތެރޭގައި ކައުންސިލަރުން އިސްތިއުފާ ދިނުމާ ގުޅިގެން ގިނަގިނައިން ބައި-އިލެކްޝަންތައް ބާއްވަން ޖެހޭ މައްސަލަ ހައްލުކުރުމެވެ.
ކުރިން ގާނޫނުގައި އޮތީ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވަން ޖެހެ އެވެ. މިހާރު ގާނޫނު އިސްލާހު ކުރީ މި މުއްދަތު ތިން ގުނަކޮށް، 183 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭ ގޮތަށެވެ.
ދެން ގެނައި ބަދަލަކީ ކައުންސިލެއްގެ ގޮނޑިއެއް ހުސްވާ އިރު ދައުރު ނިމެން އޮންނަ މުއްދަތު އަހަރެއް، ނުވަތަ އެއަށް ވުރެ ކުރު ނަމަ ބައި-އިލެކްޝްން ބާއްވައިގެން ނުވާނެ ކަމަށް ގާނޫނުގައި މިހާރު އޮތް އޮތުން، އީސީގެ އިހުތިޔާރަށް ދޫކޮށްލުމެވެ. ބިލުގައި އޮތީ އެ ހާލަތުގައި އިންތިހާބު ބޭއްވުން ލާޒިމު ނޫން ކަމަށެވެ.
މި ގާނޫނު ތަސްދީގުކުރުމުން އަނެއް ދައުރު ފެށެން ހަ މަސް ދުވަހަށް ވެފައި އޮއްވައި ހުސްވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރާކަށް ނުޖެހޭނެ އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ހާލަތެއްގައި ވެސް އޮންނަ ހަމަ އެވެ.