އެމްޕޮކްސް (މަންކީ ޕޮކްސް) އަކީ ސިއްހީ އާންމު ބަލިމަޑުކަމެއް ދުނިޔެއަށް ކުރިމަތިވެދާނެ ހާލަތެއްގައި މިހާރު އޮތް ބައްޔެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާތީ ރާއްޖެއިން އެކަމުގައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެފްރިކާ ސަރަހައްދުން ފެނުނު އަދި ގައިން ގަޔަށް އަރާ އެ ބަލީގެ ހާލަތު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ބަލި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ފެނިފަ އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު ބަލީގެ ހާލަތު މޮނިޓާކޮށް، ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި ބަލި ކޮންޓްރޯލް ކުރުމާއި ބައްޔަށް ޓެސްޓްކޮށް ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ އޭޖެންސީން ބުންނެވެ.
އެ ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކޮށް، ސަވައިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ނަމަވެސް ރާއްޖެއިން މިހާތަަނަށް އެ ބަލި ޖެހިފައިވާ މީހަކު ފެނިފައެއް ނުވެ އެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި، 1997 ވަނަ އަހަރު މަކުނުވިދުރި ފެތުރެމުން ދިޔައިރު، އެ ބަލި ޖެހިފައިވާ މީހެއްގެ އަތުގައި ނެގި ފޮޅުތައް ރަނގަޅުވަމުން ދަނީ. –އޭއެފްޕީ
އެމްޕޮކްސް
ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލް ވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އޭނާގެ ފަރާތުން އެހެން މީހުންނަށް މި ވައިރަސް އާންމުކޮށް ފޯރަނީ އެ މީހަކާ ގައިގޯޅިކޮށް އުޅުމުންނެވެ.
އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މި ބަލި ޖެހުމުން ހުން އައިސް އައުމާއި ރިއްސުމާ އެކު، ދޮސްލާފައި ހުންނަ ބިހިތަކެއް ގައިގައި ނަގަ އެވެ.
މި ވައިރަހުގެ ދެ ބާވަތެއް ފާހަގަވެފައި ވެ އެވެ. އެއީ މެދުތެރޭ އެފްރިކާގެ ކޮންގޯ ސަރަހައްދުގައި އާންމުވެފައިވާ ކްލޭޑް 1 އާއި ހުޅަނގު އެފްރިކާ ސަރަހައްދުގައި އާންމު ކްލޭޑް 2 އެވެ. މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑީ ކްލޭޑް 1 ގަ އެވެ.
މެއި، 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ. އެފަހަރު މިއީ ދުނިޔެއަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ.
ޖުލައި، 2022 އިން ފެށިގެން މެއި، 2023 އަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އެ ބަލީގެ ކޭސްތައް މަދުވި ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކޮންގޯއިން 11،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، 445 މީހަކު މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން މިދިޔަ މަހު ބުނެފައިވެ އެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 524 މީހުން މަރުވެފައިވެ އެވެ.