ދަރިވަރުންގެ ތެރޭގައި ކިޔެވުމަށް މޮޅު ދަރިވަރުންނާއި އިތުރު ހަރަކާތްތަކަށް އަދި ކުޅިވަރަށް މޮޅު ދަރިވަރުން އުޅެއެވެ. ހުރިހާ ދަރިވަރުންނަކީ ކިޔެވުމުން އެންމެ ރަނގަޅު ނަތީޖާ ލިބޭނެ ދަރިވަރުން ނޫނެވެ. އެކަން ގިނަ މައިންބަފައިން ގަބޫލު ކުރެއެވެ. އެހެންނަމަވެސް ހިތާމައަކީ ދަރިވަރުން 10 އަހަރު ވަންދެން ކުރި ބުރަމަސައްކަތަށްފަހު އޯލެވެލްގެ ނަތީޖާ ލިބޭއިރު މުޖުތަމައުގައި އުޅޭ މަދުބައެއްގެ ފަރާތުން އެކުރިމަތިވާ ފާޑުކިއުމެވެ.
އޯލެވެލްގެ ނަތީޖާ ލިބޭ ދުވަހު އެލިބުނު ނަތީޖާއެއް ބެލުމަށް ޝައުގު ހުންނަ ގިނަ މީހުން އުޅެއެވެ. އެކަމަކު އެދަރިވަރު އެނަތީޖާ ހޯދުމަށް ކުރި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭންވީ ދުވަހު އެހީވާންތިބި މީހުން ގުނާލެވޭހާ މަދެވެ.
“ ދަރިފުޅަށް ލިބުނު ނަތީޖާ ބެލުމަށް އެސުވާލު ކުރި މީހުންގެ އަދަދެއް ނޭނގޭ. އެކަމަކު އެނަތީޖާ އާންމުކުރަން ބޭނުމެއް ނޫން. ސަބަބަކީ ދަރިފުޅު ކުރި ބުރަމަސައްކަތާއި ބަލާއިރު އާއިލާއިން ހިތްހަމަޖެހޭ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް. އެކި ކުދިންނަށް ފިލާވަޅު ދަސްވާމިންވަރުވެސް ތަފާތު“ ބެލެނިވެރިއަކު ހިއްސާކުރިއެވެ.
ތެދެކެވެ. ކިޔަވާހިތްވިއަސް ތަފާތު ސިއްހީ ސަބަބުތަކާއިހުރެ ކިޔެވުމުގައި ކުރި ހޯދަން އުދަގޫ ކުދިން އުޅެއެވެ. އެފަދަ ކުދިން ފާސްވުމަކީވެސް ބެލެނިވެރިންނަށް ލިބޭ ހިތްހަމަޖެހުމެކެވެ.
އެއްވެސް ހާލެއްގައި އޯލެވެލްގެ ނަތީޖާއަކީ ދަރިވަރުގެ ކުރިމަގުގެ ނިމުމެއް ނޫނެވެ. އެއީ ފެށުމެކެވެ. އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ލިބުމަކީ މަތީ ތަޢުލީމް ހާސިލުކުރާ ދާއިރާއަކުން ކުރިއަށްދިއުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. އެކަމަކު އެކިސަބަބުތަކާއި ހުރެ ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުންނަށްވެސް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ފަހުން ރަނގަޅު ކާމިޔާބީއާއި ހަމައަށް ވާސިލުވެވިދާނެކަމީ މުޖުތަމައުން ފެންނަންހުރި ހަގީގަތެކެވެ. އޯލެވެލްގެ ޓޮޕްޓެންގައި ނުހިމެނުނަސް ޑިގްރީ އަދި މާސްޓަރސް އިން ވަރަށް ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންވެސް އުޅެއެވެ.
ތަޢުލީމީ ހަޔާތުގައި ބުރަމަސައްކަތުން ރަނގަޅު ނަތީޖާއާއި ހަމައަށް ވާސިލުވާ ކުދިން އެކުރި މަސައްކަތުން ލިބޭ ނަތީޖާގެ އުފާ ފާޅުކުރުން ހައްގެވެ. އެކަމަކު ދަށްނަތީޖާ ލިބޭ ކުއްޖާ ބާކީ ނުކުރުން ބުއްދިވެރިއެވެ. މިފަދަ ކުދިންނަށް ދޭންވީ ނަސޭހަތަކީ ދިރިއުޅުމުގައި ތަފާތު ގޮތްގޮތަށް ކުރި ހޯދިދާނެކަމެވެ. އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ނުލިބުނަސް އަމަލީ މައިދާނުގައި މަސައްކަތްތެރި ހުނަރުވެރި ކުއްޖަކަށް ވެވިދާނެއެވެ. އެފަދަ ކުދިންނަށް އެކުދިންނާއި ގުޅޭ ދާއިރާއަކުން ކުރިއަށްދިއުމަށް ހިތްވަރު ދެވިދާނެއެވެ. ކުރާހިތްވާ މަސައްކަތަކުން ލިބޭ ކާމިޔާބީ ފޮނިވާނެއެވެ. އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލައަށް ކުރާހިތުން ކުރާ މަސައްކަތަކުން ކުރިއަށްދާންވެސް ފަސޭހަވާނެއެވެ. އެހެންވުމުން އަމިއްލަ ދަރިންގެ ކުރިމަގު ބައްޓަންކުރުމަށް އެކުދިންގެ ޚިޔާލުވެސް ހޯދާ ރަނގަޅުގޮތަކީ ކޮބައިކަން ނިންމުމުގައި ގާތްއެކުވެރިއެއްގެ ގޮތުގައި އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މައިންބަފައިންނަށް އެހީތެރިވެވިދާނެއެވެ.